![]() |
ކީރިތި ރަސޫލާ صلى الله علىه وسلم ޙަދީޘް ކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ.
“އިސްލާމްދީން ފެށިގެންއައީ
ބީރަށްޓެހި އެއްޗެއްގެ ގޮތުގައެވެ. އަދި އެދީން އެނބުރި ރުޖޫޢަވުން
ވަނީވެސް ބީރަށްޓެހި އެއްޗެއްގެ ގޮތުގައެވެ. ވީމާ ބީރަށްޓެހީންނަށް
އުފާވެރިކަމުގެ ޚަބަރު ދޭށެވެ”
މި ޙަދީޘްގައި ބަޔާން
ކުރައްވާފައިއެވާ އުފާވެރިކަމުގެ ޚަބަރު ލިބިގެންވާ ބީރަށްޓެހީންނަކީ
ފަހަރެއްގައިވެސް މުޖުތަމަޢުގައި އަޅުގަނޑުމެންނާ ދިމާވާ ދެކެ ފަރިތަނޫން
މޫނުތަކުގެ ވާހަކައެއް ނޫނެވެ. ބިދޭސީ ޓުއަރިސްޓުންގެ ވާހަކައެއްވެސް
ނޫނެވެ. ޙަޤީޤަތުގައި އެ ޙަދީޘްގައި ބަޔާންވެގެންވަނީ ޙަޤީޤީ މުސްލިމުންގެ
ވާހަކައެވެ. ޙަޤީޤީ މުޥައްޙިދުންގެ ވާހަކައެވެ. ދެން އުފެދޭ ސުވާލަކީ އެ
ޙަދީޘްގައިވާގޮތަށް ޙަޤީޤީ މުއުމިނުން ބީރަށްޓެހިވާން ޖެހުނީ ކޮން
ސަބަބަކާއި ލައިގެންތޯއެވެ؟
ދަންނަވަންތޯއެވެ؟ ހަމައެކަނި
ދުލުން ތައުޙީދުގެ ކަލިމަ ކިޔުމަކުން އަޅުގަނޑުމެންނަކީ ޙަޤީޤީ މުއުމިނުން
އަދި ޙަޤީޤީ މުޥައްޙިދުން ކަމުގައިވެގެން ނުދާނެއެވެ. ނިޔަތާ އެއްގޮތަށް
ޢަމަލުވެސް ކުރަންޖެހޭނެއެވެ. މިގޮތުން ޙަޤީޤީ މުއުމިނުންގެ ސިފަ ބަޔާން
ކުރައްވައި المؤمنون ސޫރަތުގައި މާތް ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ﴿٤﴾ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾
މާނައީ: “އެއުރެންނީ،
އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ،
ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި
އެއުރެންނީ، زكاة ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فرج ތަކަށް
ރައްކާތެރިވާމީހުންނެވެ.”
މިއަދު ނަމާދަށް ރައްކާތެރިވާ
އަޚުންނާއި އުޚްތުން އަޅުގަނޑުމެންގެ ތެރެއިން ކޮބައިތޯއެވެ؟ ނަމާދަށް
ރައްކާތެރިވާ މީހުން ނޫޅެއެކޭ އަޅުގަނޑު ފަހަރެއްގައިވެސް ނުދަންނަވަމެވެ.
އެހެންނަމަވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ނަމާދު އަދާ
ކުރާމީހުން ނިސްބަތުން މަދުކަން ފާހަނގަ ކުރެވެއެވެ. ކަމެއް ކުރަން
ޖެހުނަސް އަދި މުސީބާތެއް ލައިގަތަސް މީހުންގެ ހިތްތަކަށް އުފާވެރިކަން
ގެނެސްދިނުމުގެ ނަމުގައި ނާޗަރާންގީ ޝޯތައް ބޭއްވުމާއި މުނިފޫފިލުވައިދޭ
ޝޯވ ތައް ބޭއްވުމަކީ އަޅުގަނޑުމެންގެ އަމާޒަކަށް މިއަދު މިވަނީ ވެފައެވެ.
މިކަންތައްތައް މިވަނީ ޢާއްމުވެފައެވެ. ޒަމާނީ ޑެމޮކްރަސީގެ ނަމުގައި
ޒަކާތް ޓެކުހަށް ވެ ނިމިއްޖެއެވެ. فرج ތަކަށް ރައްކާތެރިވުމުގެ ބަދަލުގައި
މިފެންނަނީ ނޭދެވޭ ޢަމަލު ތައް ހިންގައި ނަހަލާލަށް ލިބޭ ދަރީން “ފޮތި
ފޮތި” ކުރަމުންދާ މަންޒަރެވެ. މިކަންތައްތަކާ ދެކޮޅަށް ވާހަކަ ދައްކާ، ﷲގެ
ޝަރީޢަތް ޤާއިމް ކުރުމަށް ނަސޭޙަތްތެރިވާ މީހުންނަކީ މިއަދުގެ
މުޖުތަމަޢުގައި ވަރަށް “ޑީގްރޭޑް” ބަޔަކަށް މިވަނީ ވެފައެވެ.
އަޚުންނާއި އުޚްތުންނޭވެ!
ޒަމާން ތަރައްޤީވެ ތަހުޒީބުގެ މަގުގައި މުޅި ދުނިޔެ ފައިތިލަ ޘާބިތު ކުރަން
މަސައްކަތް ކުރާ މިދަނޑިވަޅުގައި ދިވެހި މުޖުތަމައަށް ކުރަމުންމިދާ ނޭދެވޭ
އަޘަރު ތަކުގެ ވާހަކަ ބަޔާން ނުކޮށް ދޫކޮށްލާކަށް ހަމަ އަޅުގަނޑުގެ
ހިތެއްނޭދުނެވެ. ޒަމާނީ ޑިމޮކްރަސީގެނަމުގައި މިވަނީ މުޅީން އާވައްތަރެއްގެ
ދިރިއުޅުމުގެ ނިޒާމެއް ޤާއިމް ކުރެވިފައެވެ. ދިރިއުޅުމުގެ ނިޒާމުން ދީން
ދުރަށްލައި، އިސްލާމީ ޝަރީޢަތާއި، މާތް ނަބިއްޔާގެ ސުންނަތައް ތަބާވާ
މީހުންނަށް ކުރަމުންދާ މަލާމާތާއި ފުރައްސާރަ މިވަނީ ހައްދުން
ނެއްޓިފައެވެ. އިސްލާމްދީނާ އެދީނަށް ލޯބިކުރާ މީހުން މިއަދު މިވަނީ އިސްވެ
ބަޔާންކުރެވުނު ޙަދީޘްގައި ޒިކުރު ކުރެވުނު ގޮތަށް ބީރަށްޓެހީންނަށްވެ
ނިމިފައެވެ. ބޭނުންވީމަ ގެންގުޅެލާފައި ބޭނުންވީމަ ނަގާ އެއްފަރާތަށްލާ
ބީދައިން ދީނުގެ ކަންތައްތަކާ، ދީނުގެ އުޞޫލުތަކާ ދީނުގެ ފިކުރު
މިގެންގުޅެވެނީ ފެންކައްކާ ބޮލީގެ ޢިއްޒަތް ފަދައިންނެވެ. ސައްތައިން
ސައްތަ މުސްލިމު މުޖުތަމަޢުގެ ޙާލަކީ މިއީއެވެ. އަޅުގަނޑުމެންނަށް އިވޭ
ކަންފަތުގައި ނީވޭ ކަމަށް ހަދައި ފެންނަ ލޮލަށް ނުފެންނަކަމުގައި
ހަދައިގެން ތިބުމަކީ އެއްވެސް ޙާލެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއް
ނޫނެވެ.
މާތްﷲ ތަޢާލާ الأنفال ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَلَا تَكُونُوا كَالَّذِينَ قَالُوا سَمِعْنَا وَهُمْ لَا يَسْمَعُونَ ﴿٢١﴾ މާނައީ: “އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! “
އަޅުގަނޑުމެންގެ އުޅުމާއި
ގުޅުން މިގޮތަށް ބަހައްޓައިގެން އަޅުގަނޑުމެންނީ އިސްވެ ބަޔާންވެދިޔަ
ޙަދީޘްގައިވާގޮތަށް ބީރަށްޓެހީންނަށް ވެވިދާނެކަމަށް އުއްމީދު
ކުރަނީތޯއެވެ؟ ޙަޤީޤީ މުއުމިނުން ބީރަށްޓެހިވާން ޖެހުނީ މިބަޔާންވެދިޔަ
ސަބަބުތަކާހެދިއެވެ. އަދި މިނޫނަސް އެތައް ސަބަބުތަކެއްވެއެވެ.
ﷲތަޢާލާ المائدة ވަޙީ
ކުރައްވާފައިވެއެވެ. أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ
أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾
މާނައީ: ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ
ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟
އެކުވެރީންނޭވެ! ޣާފިލް ކަމުގެ
ނިދީން ނިދާފައިތިއްބައި ކުއްލިއަކަށް މަރުއައިސް ޖެހުމުން ވެގެންދާނޭގޮތް
ކީރިތި ޤުރުއާނުގެ المؤمنون ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ
މިފަދައިންނެވެ.
حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ ﴿٩٩﴾
لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ۚ كَلَّا ۚ إِنَّهَا
كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ
يُبْعَثُونَ ﴿١٠٠﴾
މާނައީ: ” އެއުރެންކުރެ
މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ.
އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި
ފޮނުއްވާނދޭވެ! (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل
ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން،
އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ.
އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ. “
އަޅުގަނޑުމެން ވިސްނަންވީ މި
ވަގުތަށްޓަކައެވެ. ކަންއޮތީ މިހެންކަމުގައިވީނަމަވެސް ހިތާމައަކީ
އަޅުގަނޑުމެންގެ ޙަޤީޤީ މަޤްސަދު އޮޅުވާލައި ޙަޔާތާއިމެދު ޣާފިލްވާ ކުދީން
އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާކަމެވެ. އަޅުގަނޑުމެންގެ
ޙަޔާތަކީ ދާދި ކުޑަކުޑަ ވަގުތުކޮޅެކެވެ. މި ފަނާވަނިވަ ދުނިޔެއަށް
އަލްވަދާޢު ކިިޔަން ހަމަ ކޮންމެ ވަގުތަކުވެސް އަޅުގަނޑުމެންނަށް
ޖެހިދާނެއެވެ. އަޅުގަނޑުމެން ތައްޔާރުވާންވީ ވަދާޢުގެ ވަގުތަށެވެ.
ދުނިޔެއަށް ފާރަލައި މުޅި ޙަޔާތް މި ފަނާވަނިވި ދުނިޔެ އާބާދު ކުރަން
އުޅުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ގިނަ ވަގުތު ހޭދަ ކުރަންޖެހޭނީ
އުޚްރަވީ ޙަޔާތް ބިނާކޮށް އެޙަޔާތް ބާއްޖަވެރި ކުރުމުގައެވެ.
އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގެ ވަގުތުކޮޅަކީ ދާދި ކުޑަ ވަގުތުކޮޅެކެވެ.
ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
“ދުނިޔެމަތީގައި އުޅޭއިރު ތިބާއަކީ ދަތުރުވެރިއެއްފަދައިން ވާށެވެ”
ނިކަން ވިސްނަވާ ބައްލަވާށެވެ.
ދަތުރުވެރިޔަކު ދަތުރުކުރަމުންގޮސް ވަރުބަލިފިލުވާލަން މަޑުކޮށްލާތަނުގައި
ބޮޑު ގެއެއްއަޅައި، އެމީހާގެ އަތުގައި ހުރި ހުރިހާއެއްޗެއް އެތަނަށްޓަކައި
ބޭނުންކޮށް ހުސްކޮށްލުމަށްފަހު ދެން އަނެއްކާ ދަތުރަށްފަށައިގަންނަ ވަގުތު
ވާނީ ކިހިނެއްތޯއެވެ؟ ހަމަ ޔަގީނުންވެސް ދަތުރު ބާއްޖަވެރިވެގެނެއް
ނުދާނެއެވެ.
ވީމާ އަޅުގަނޑުމެން
މިކަމާދޭތެރޭ ވިސްނާލަންޖެހެއެވެ. އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރި
ކުރެވޭނީ ދުނިޔެއަށްވުރެ އާޚިރަތް އިސްކޮށް ދުނިޔެމަތީގައި ބީރަށްޓެހިވީ
ވަރަކުންނެވެ. އަޅުގަނޑުމެން ފުރިހަމައަށް ތަބާވާންޖެހެނީ މާތް ﷲ އާއި
އެކަލާނގެ ރަސޫލާއަށެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރަންޖެހޭނީ
ޞަޙާބީންނާއި، ތާބިޢީންނާއި، ތަބާ އައްތާބިޢީންގެ މަގުންނެވެ.
ހިތްހަމަޖެހުމާއި ފަލާޙާއި ކާމިޔާބުއޮތީ ހަމައެކަނި ﷲގެ ދީނުގައެވެ. ﷲ ގެ
ޝަރީޢަތުގައެވެ.
No comments:
Post a Comment